2016 ވަނަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު %66 އަށް އިތުރު ވެއްޖެ!

2016 ވަނަ އަހަރު ޑްރަގް ކޯޓަށް ހުށެހެޅުނު މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާ ޚިލާފަށް ވަރަށް ބޮޑުތަން އިތުރު ވެއްޖެއެވެ. އެ ގޮތުން، މި އަހަރުގެ ތެރޭގައި ޖުމުލަ 1525 މައްސަލަ ހުށަހެޅިފައި ވެއެވެ. 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ޢަދަކަކީ، 914 އެވެ. އެހެން ކަމުން، މިއީ 2015 ވަނަ އަހަރަށް ވުރެ %66.8 އިތުރު މިންވަރެކެވެ.

މީގެ ތެރެއިން 1521 މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ ކުރައްވައި، ހުށަހަޅުއްވާފައިވާ މައްސަލަތަކެވެ. ބާކީ 4 މައްސަލައަކީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ޢަމަލު ކުރަން ފެށި އިރު، ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދާ މީހުން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރި ކޮށްދިނުމަށް އޮންނަ ފުރުޞަތުގެ ދަށުން، އެ ކަމަށް އެދި ނޭޝަނަލް ޑްރަގް އޭޖެންސީ މެދުވެރިކޮށް، ހުށަހެޅިފައިވާ މައްސަލަތަކެވެ.

2016 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ޑައިމޯފިން ބޭނުން ކުރުމުގެ މައްސަލަތަކެވެ. އެއީ 795 މައްސަލައެވެ. ދެން އެންމެ ގިނައިން ހުށަހެޅުނީ ކެނެބިސް ބޭނުން ކުރުމުގެ މައްސަލަތަކެވެ. އެއީ 648 މައްސަލައެވެ. ޑައިމޯފިން ޕެޑްލް ކުރުމުގެ 1 މައްސަލައާއި، ކެނެބިސް ޕެޑްލް ކުރުމުގެ 18 މައްސަލައާ އެކު، މަސްތުވާތަކެތި ޕެޑްލް ކުރުމުގެ މުޅި އެކު 19 މައްސަލަ މި އަހަރު ހުށަހެޅިފައި ވެއެވެ.

ޑްރަގް ކޯޓުގައި މުޅި އެކު މަސައްކަތް ކުރައްވަނީ 5 ފަނޑިޔާރުންނެވެ. މި އަހަރު ހުށަހެޅުނު މައްސަލަތަކަށް ބަލާ އިރު، މި އަހަރު ކޮންމެ ފަނޑިޔާރަކަށް 305 މައްސަލަ ހުށަހެޅިފައިވެއެވެ.

2016 ވަނަ އަހަރު ޑްރަގް ކޯޓުން ބަލައި ނިމުނު މައްސަލަތަކުގެ ޢަދަދަކީ 965 އެވެ. މީގެ އިތުރުން، މި އަހަރުގެ ތެރޭގައި، އެކި ސަބަބުތަކާ ހުރެ 269 މީހުން ފަރުވާއިން ވަކިކުރެވިފައި ވެއެވެ.