ޑްރަގްކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ޙަފްލާ ބާއްވައިފި

ޑްރަގްކޯޓުގެ 2015 ވަނަ އަހަރުގެ އަހަރީ ޙަފްލާ 12 އޮކްޓޯބަރ 2016 ވީ ބުދަ ދުވަހު ބާއްވައިފިއެވެ. ޙަފްލާގައި 2015 ވަނަ އަހަރު ޑްރަގްކޯޓުގެ ނަމޫނާ މުވައްޒަފާއި ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފުގެ އިތުރުން ޕާފޯމަންސް އެޕްރެއިސަލް ފޯމުން 70 އިން ސައްތައަށް ވުރެ މަތިން ހޯދާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދީފައިވެއެވެ.

ވޭތުވެދިޔަ އަހަރުގެ ނަމޫނާ މުވައްޒަފަށް ހޮވިފައިވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލް އިބްރާހީމް ޖާސިމެވެ. އަދި ޙާޟިރީއަށް އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލްޢަލީ ޝަމީނެވެ.

ސަލްސާ ރޯޔަލްގައި ބޭއްވުނު މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޑްރަގް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނާއި މުވައްޒަފުންގެ ޢަދަދު މަދު ކަމާ އެކުގައި ވެސް، ޑްރަގް ކޯޓުން ވޭތުވެ ދިޔަ ތަނުގައި ވަރަށް ގިނަ ޢަދަދެއްގެ މައްސަލަތައް ބައްލަވައި ނިންމަވާފައިވާ ކަން ފާހަގަކުރައްވާ ކަމަށާއި، ޑްރަގް ކޯޓުގެ މަސައްކަތްތަކާ މެދު ޝަރުޢީ ދާއިރާގެ އެންމެ އިސް ފަރާތްޕުޅުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ޙަފުލާގައި ޑްރަގްކޯޓު ހިންގުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ދެއްކެވި ވާހަކަފުޅުގައި ޑްރަގް ކޯޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތަށް އަލިއުޅުވާލައްވައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކޯޓުގެ ތެރެއިން އަދާކުރަން ޖެހޭ ދައުރުގައި، ފަނޑިޔާރުންނާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، ޑްރަގް ކޯޓަށް އިތުރަށް ބޭނުންވާ ކަންކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.