ޖޫން
2026
ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުން
ކޮންމެ އަހަރަކު ވެސް ޖޫން މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޑްރަގް ކޯޓުން ޚާއްސަ ހަރަކާތްތަކެއްގެ ގޮތުގައި ޢާންމުން ހޭލުންތެރިކުރުމުގެ ކުއިޒް މުބާރާތަކާއި، ކޮލެޖްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށް އޯޕަން ޑޭ އެއް ބައްވާފައިވެއެވެ.
ޢާންމުންނަށް ޚާއްސަކުރި ކުއިޒް މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޑްރަގް ކޯޓުގެ އިންސްޓަރގްރާމް ޕޭޖާއި ފޭސްބުކް ޕޭޖުގައެވެ.
ކޮލެޖްތަކުގެ ދަރިވަރުންނަށް ޚާއްސަކުރި އޯޕަންޑޭގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޑްރަގްކޯޓުގައެވެ. ޑްރަގް ކޯޓުގައި ކުރިއަށް ގެންދިޔަ ޚާއްސަ ހަރަތްތަކުގައި ބައިވެރިވުމަށް ފުރުސަތު ދީފައިވަނީ ކޮލެޖްތަކުގައި ޝަރީޢާ އެންޑް ލޯ ކިޔަވާ ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކަށެވެ. މި ދަރިވަރުންނަށް ޑްރަގް ކޯޓާބެހޭ މައުލޫމާތު ސެޝަންއެއް ކުރިއަށް ގެންދެވިފައިވެއެވެ. މި ސެޝަން ނަންގަވައިދެއްވީ ކޯޓު ލީގަލް އޮފިސަރ އަލްއުސްތާޛު މުޙައްމަދު ނާޝިފް އާއި ލީގަލް އޮފިސަރ އަލްއުސްތާޛާ ފާޠިމަތު ތައުފީޤްއެވެ.
ނޭޝަނަލް ޑްރަގްއެޖެންސީގެ މަސައްކަތްތަކާއި، ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ސެޝަން ނަންގަވައި ދެއްވީ އެ އެޖެންސީގެ ޑިރެކްޓަރ މަރްޔަމް އަސްރާ އަދި ކައުންސިލަރ މަރްޔަމް ޝަމާ ނަސީރުއެވެ.
މީގެއިތުރުން ޚާއްސަ މާހިރެއްކަމުގައިވާ ޢަލީ އަދީބު ވަނީ މަސްތުވާތަކެތިން ރައްކާތެރިވުމުގެ ސްޓްރެޓެޖީތަކާއި، ރިހިބިލިޓޭޝަންގެ މަސއްކަތްތަކާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ޢާންމުން ހޭލުންތެރިކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ. އަދި މަސްތުވާތަކެތިން ދުރުހެލިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގައި މުއައްސަސާތަކާއި ފަރުދުންގެ ޒިންމާތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.
ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އޯޕަންޑޭގެ މި ހަރަކާތްތަކުގައި ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދުގެ އިތުރުން ޤާޟީން ބައިވެރިވެވަޑައިގެންފައިވެއެވެ.
