އޮކްޓޫބާރ
2025
ފަރުވާ ނިންމި ފަރާތްތަކަށް ޚާއްޞަ ޙަފުލާއެއް ބާއްވައިފި! (2025)
ޑްރަގް ކޯޓުން ކޮށްފައިވާ ރިހެބިލިޓޭޝަން އަމުރުގެ ދަށުން ކާމިޔާބު ކަމާއެކު ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި 09 އޮކްޓޯބަރ 2025 ވަނަ ދުވަހު ޙާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
މިހަފްލާގެ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙައްމަދެވެ. 2024 ވަނަ އަހަރު ފަރުވާ ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވުމަށްފަހު، ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި " މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް އެކަމުން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫންކަމަށާއި އެކަމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެފަދަ މީހުން އަލުން ދިރިއުޅުން ބިނާކުރުމުގައި އެހީތެރިވުމަށް މުޖުތަމައުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީ، ހިތްވަރު ދިނުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ."
މިޙަފުލާގައި ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ދެއްކެވި ވާހަކަފުޅުގައި، ފަރުވާއަށް އަމުރުކުރިކަމުގައި ވިޔަސް ފަރުވާދިނުމުގެ ނިޒާމު ކުރިޔަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް މަދުކަމާއި އެކަމުގެ ސަބަބުން ފަރުވާގެ ކަންކަން ނުނިމި ދިގުލައިގެންދާކަން ފާހަގަކުރެއްވިއެވެ. އަދި އެމައްސަލައަށް އަވަހަށް ހައްލު ލިބި ފަރުވާގެ ޕްރޮގްރާމް ވީހާވެސް އަވަހަށް ނިމިގެން ދިއުމަކީ މުހިންމު ކަމެއްކަމަށް ވިދާޅު ވިއެވެ.
މީގެއިތުރުން ފަރުވާ ހޯދި ފަރާތްތަކުގެ ބައިވެރީންގެ ތެރެއިން ވާހަކަ ދެއްކެވި ފަރާތުން މަސްތުވާތަކެތިން ސަލާމަތްވުމަށް ކުރި މަސައްކަތުގައި ދިމާވި ދަތިތަކާއި ގޮންޖެހުންތައް ފާހަގަކޮށް ވާހަކަދެއްވިއެވެ. އަދި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގެ ސަބަބުން އެފާރާތްތަކަށް އައި ހެޔޮބަދަލުގެ ވާހަކަ ވެސް ފާހަގަކުރެއްވިއެވެ. އަދި ފަރުވާ ފުރިހަމަ ކުރުމަށްފަހުވެސް މުޖުތަމައުން އެމީހުންނާމެދު ދެކޭގޮތް ބަދަލު ނުވާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ވެސް ހާމަކުރެއްވިއެވެ.
ވޭތުވެ ދިޔަ އަހަރު، ޑްރަގް ކޯޓުން 597 މީހެއްގެ މައްޗަށް ފަރުވާއަށް އަމުރުކޮށްފައިވެއެވެ. އަދި 596 ފަރާތެއް އެ އަހަރުގެ ތެރޭގައި ފަރުވާ ފުރިހަމަކޮށްފައިވެއެވެ. އަދި، ފަރުވާގެ އަމުރާ ޚިލާފުވެގެން، މިދިޔަ އަހަރުގެ ތެރޭގައި 164 ފަރާތެއް ވަނީ ފަރުވާއިން ވަކިކޮށް، ފުރަތަމަ ޙުކުމް ތަންފީޛު ކުރުމަށް އަމުރުކުރެވިފައެވެ.
