
މެއި
2023
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާ ބެހޭގޮތުން ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން އޮސްޓްރޭލިއާއިން ތަމުރީނު ހޯދައިފި
ޕާރތު-އޮސްޓްރޭލިއާ: ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން އެކުލެވޭ ޓީމެއް ތަމުރީނު ހޯދުމުގެ ދަތުރެއް އޮސްޓްރޭލިޔާގެ ޕާރތަށް ކޮށްފިއެވެ. ޕާރތުގައި، ޑްރަގް ކޯޓުގެ ނިޒާމުގެ ތެރެއިން މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ކަންތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ބައިވެރިންގެ ކިބައިގައި މުއްސަނދިކުރުމުގެ ގޮތުން އޮސްޓްރޭލިއާ އެވޯރޑްސްގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑަމީ އިން އިންތިޒާމުކުރެއްވި މި ދަތުރު އޮތީ މިއަހަރުގެ މޭމަހުގެ 13 އިން 20 އަށެވެ.
މި ދަތުރުގައި ޑްރަގް ކޯޓުން ބައިވެރިވި ޓީމުގައި އިސްކޮށް ހުންނެވީ އިސްޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދެވެ. އޭގެ އިތުރުން، ޤާޟީ އައްޝައިޚު މުޙައްމަދު ނަޢީމުއާއި، ޤާޟީ އަލްއުސްތާޛު އާދަމް ޢާރިފުއާއި، ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރު ވެސް ބައިވެރިވެޑައިގެންނެވިއެވެ. އަދި، ކޯޓުގެ ރެޖިސްޓްރާރ އަލްއުސްތާޛު ޙަސަން ޒަރީރުއާއި، ލީގަލް އޮފިސަރުން ކަމުގައިވާ އަލްއުސްތާޛާ ފާޠިމަތު ތައުފީޤުއާއި، އަލްއުސްތާޛު މުޙައްމަދު ސަލީމު ވެސް ތަމުރީނު ޕްރޮގްރާމުގައި ޕާރތަށް ވަޑައިގަތެވެ.
މި ޕްރޮގްރާމުގެ އެންމެ މުހިންމު ބައެއްގެ ގޮތުގައި ވެގެންދިޔައީ، ބައިވެރިން ޕާރތުގެ ޑްރަގް ކޯޓަށް ޒިޔާރަތްކޮށް ކޯޓުގައި ކަންތައް ހިނގަމުންދާ ގޮތް ގާތުން ބަލައި، ކޯޓުގެ އިސް މެޖިސްޓްރޭޓާއި އެހެނިހެން އޮފިޝަލުންނާއެކު ކަންކަމާ މެދު ސުވާލު ބަދަލުކޮށް މަޝްވަރާ ކުރެވުމެވެ.
ފަރުވާގެ ޕްރޮގްރާމު ކުރިއަށް ގެންދާ ޓީމުގައި ހިމެނޭ މުހިންމު ފަރާތްތަކާ ޑްރަގް ކޯޓުގެ ޓީމުން ބައްދަލުކުރިއެވެ. އޭގެތެރޭގައި ޕާރތު ޑްރަގް ކޯޓުގެ ޕޮލިސް ޕްރޮސިކިއުޓަރާއި، ޑިއުޓީ ޕްރޮސިކިއުޓަރާއި، ކޯޓު އެންޑް ޓްރީޓްމަންޓް ސާރވިސަސް (ކެޓް) ގެ އޮފިސަރުން ހިމެނެއެވެ. މި ބައްދަލުވުންތަކުން، ފަރުވާގެ ޕްރޮގްރާމުގައި އެ ފަރާތްތަކުން އަދާކުރާ ދައުރާއި މަސްއޫލިއްޔަތުތަކުގެ އަގުހުރި މަޢުލޫމާތުތައް ލިބިގެންދިޔައެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޕާރތުގައި ހުރި އެކި މަރުކަޒުތަކަށް ބައިވެރިން ޒިޔާރަތް ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި، ރިކް ހެމަރސްލީ ސެންޓަރ ތެރަޕިއުޓިކް ކޮމިއުނިޓީއާއި، ދަ ސަލްވޭޝަން އާރމީ ހެރީ ހަންޓާރސް ރިހިބިލިޓޭޝަން ސެންޓަރާއި، ނެކްސްޓް ސްޓޮޕް ޑިޓޮކްސް ސެންޓަރ ހިމެނެއެވެ.
ތަމުރީނު ޕްރޮގްރާމުގެ ބައެއްގެ ގޮތުން، ވެސްޓަން އޮސްޓްރޭލިއާ ޕޮލިސްގެ ވެރިންނާއި އޮފިސަރުންނާ ވެސް ބައްދަލުކުރުމުގެ ފުރުޞަތު ލިބިފައިވެއެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ޖަލުގެ ޢުޤޫބާތް ދިނުމުގެ ބަދަލުގައި ހިންގޭ ޑައިވަރޝަން ޕްރޮގްރާމުގައި
ފުލުހުންނާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ޤަޟާއީ ނިޒާމާ ދެމެދު ހިނގާ ކަންތައްތަކާއި، މި ކަމުގައި ފުލުހުންގެ ދައުރު ވަރަށް ތަފުޞީލުކޮށް މި ބައްދަލުވުމުގައި ކިޔައިދެވުނެވެ.
ތަމުރީނު ހޯދުމަށް ކުރެވުނު މި ދަތުރު ނިމިގެން ބައިވެރިން މާލެ ވަޑައިގަތީ 21 މެއި 2023 ވީ އާދިއްތަ ދުވަހުގައެވެ. ޕްރޮގްރާމު ނިންމާލުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، މި އަގުހުރި ފުރުޞަތު ފަހިކޮށްދެއްވި ކަމަށްޓަކައި މޯލްޑިވްސް ޖުޑީޝަލް އެކެޑަމީއަށާއި އޮސްޓްރޭލިއާ އެވޯރޑްސްއަށް އިސްޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދަތުރުގެ ހަނދާނެއްގެ ގޮތުން، ޕާރތުގެ ޑްރަގް ކޯޓަށް ބައެއް ތަކެތި ހަދިޔާ ކުރެވުނެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރެވޭ އެންމެ ރަނގަޅު ފަރިތަކުރުންތަކަށް އަހުލުވެރިވުމަށް ލިބުނު މި ފުރުޞަތުގެ ސަބަބުން، ރާއްޖޭގެ ޑްރަގް ކޯޓުގެ މަސައްކަތްތަކަށާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށާ ގުޅޭ ގޮންޖެހުންތަކާ މުޚާޠަބުކުރުމަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.